ލިޔުނީ: އަސްލަމް ޝާކިރު، 01 ފެބްރުވަރީ 2010
http://www.aslamshakir.com, http://aslamshakir.blogspot.com, aslam.shakir@gmail.com
ދިވެހިރާއްޖޭގައި ފުރަތަމަފަހަރަށް ޤާނޫނުއަސާސީއެއް އެކުލަވާލެވުނީ، އެތެރޭގެ ފިއްތުމުގެ އިތުރުން އެއިރު ދުނިޔޭގެ ބޮޑުބާރުގެގޮތުގައި އޮތް އިނގިރޭސީންގެވެސް ފިއްތުން ބޮޑުވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. އިނގިރޭސީންގެ ފަރާތުން ސިލޯނުގައި (ވަގުތީ ގޮތުން) ހުންނެވި ގަވަރުނަރު ބެރނަރޑް އެޗް ބޯރޑިލް 1930 ވަނަ އަހަރު ޤާނޫނުއަސާސީއެއް އެކުލަވާލުމަށް އޭރުގެ ރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށް "ލަފާ" އެރުވުމާ ވިދިގެން، 1931 ވަނަ އަހަރު މާރިޗް މަހު 19 ވަނަ ދުވަހު ރަދުން ކުރެއްވި އަމުރާ ގުޅިގެން އެކުލަވާލެވުނު ޤާނޫނުއަސާސީ 1932 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 22 ވަނަ ދުވަހު ތަސްދީޤު ކުރައްވައި އެއަށް ޢަމަލު ކުރަން ފެއްޓެވީ ވެރިކަމުގެ ބޮޑުންނާ ޝާހީ ޚާންދާނުގެ ބޭބޭފުޅުންގެ ނުޤަބޫލު ހާލުގައި ކަން ތާރީޚުން ހާމަވެއެވެ.
ޒަމާންތަކަކަށް ދެމިގެން އައި ރަސްކަމުގެ މުށުތެރެއަށް ދައުލަތުގެ ބާރުތައް ޖަމަޢަ ވެފައިއޮންނަ ވިރާސީ ރަސްކަމުގެ ޘަޤާފަތް ބީވެގޮސް، ދުސްތޫރެއްގައި ކަނޑައެޅިފައިވާ ހަމަތަކެއްގެ މަތީން ރައްޔިތުންގެ މައްޗަށް ހިންގޭ ވެރިކަމެއް މިރާއްޖޭގައި އޮތުމަކީ، ވެރިކަމުގެ ބޮޑުން ހިތް އެދޭކަމަކަމަށް ނުވުން އެކަށީގެންވެއެވެ. އެއީ އެބައިމީހުންނަށް ލިބިފައިވާ ބާރުތައް ހަނިވެ، ރައްޔިތުން ބާރުވެރިވުމަށް ބޭނުންނުވާތީ ކަމަށް ވުންވެސް އެކަށީގެން ވެއެވެ. ރައްޔިތުންގެ މުހުތާދުތައް ފުއްދުމާއި، ވެރިކަން ހަމަ މަގުން ހިންގުމަށް ދަތިވަނީ އަލަށް އެކުލަވާލެވުނު ޤާނޫނު އަސާސީން ކަމަށްވެ، ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި، ފުރަތަމަ ޤާނޫނޫއަސާސީއަށް ދޮޅު އަހަރެއްހާ ދުވަސް ވީތަނާ އެ ޤާނޫނޫއަސާސީ ގުޅަކުޅޭ ފަސްގަނޑުގައި، ވީދާލެވުނެވެ. 1934 ވަނައަހަރު ޤާނޫނުއަސާސީއަށް "އިސްލާހު"ތަކެއްގެނެވި، 2 ވަނަ ޤާނޫނުއަސާސީ އެކުލަވާލެވުނު ހިސާބުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަން ނިމުމަކަށް އައެވެ.
އެއަށް ފަހުން 1937 ގައި، އައްސުލްތާނު ހަސަން ނޫރައްދީނު (ދެވަނަ) ގެ ރަސްމަކުގައި 3 ވަނަ ފަހަރަށް ޤާނޫނުއަސާސީ އިޞްލާޙު ކުރެވުނެވެ. ނަމަވެސް ފުރަތަމަ ޤާނޫނުއަސާސީ އަށް ޢަމަލުކަރަން ފެށުނުތާ 7 އަހަރެއްހާ ދުވަސްވީތަނާ، 1940 ވަނަ އަހަރު ޖަނަވަރީ 29 ނުވަތަ 30 ވަނަދުވަހު، ދުސްތޫރީވެރިކަމަކީ ކަމުނުދާ ކަމަކަށް ހަދާ، ޤާނޫނުއަސާސީ އުވާލާ 1941 ޑިސެމްބަރެ 19 އާ ހަމައަށް ވެރިކަން ހިންގީ ޤާނޫނުއަސީ އަކާ ނުލައެވެ. އެއަށް ފަހު އައްސުލްތާނު ހަސަން ނޫރައްދީނު (ދެވަނަ) ގެ ރަސްމަކުގައި އަދި އަލް އަމީރު މުހައްމަދު ފަރީދުގެ ބޮޑުވަޒީރު ކަމުގައި 1942 ވަނަ އަހަރު އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގައި، 4 ވަނަ ފަހަރަށް ޤާނޫނުއަސާސީ އަށް އިޞްލާޙު ގެނެވި، ތަސްދީޤް ކުރެވުނެވެ. އެއަށްފަހު 1951 ވަނަ އަހަރު މެއި މަހުގެ 31 ވަނަ ދުވަހު 5 ވަނަ ޤާނޫނުއަސާސީ ތަސްދީޤު ކުރެވުނު ނަމަވެސް، ފެންނަ ނުފެންނަ ވޯޓަކުން ފާސްވެގެން މިރާއްޖޭގައި އޮތުން ރަނގަޅީ ޖުމްހޫރީ ވެރިކަމެއް ކަމަށް ރައްޔިތުން ނިންމުމާ ގުޅިގެން ގެނެވުނު އިސްލާހު ތަކާއެކީ 1953 ވަނަ އަހަރު ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު، 6 ވަނަ ފަހަރަށް ޤާނޫނުއަސާސީ ތަސްދީޤުކުރެވުނެވެ. އަދި، މިރާއްޖޭގައި ޒަމާނުއްސުރެ މޫލާފައިއޮތް ވިރާސީ ރަސްކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުކޮށް އެ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކަށް މުޙައްމަދު ޢަމީނު އައްޔަނު ކުރެވުނެވެ.
ނަމަވެސް 1953 އޯގަސްޓު 21 ގައި ރައީސް އަމީނުގެ ވެރިކަމަށް ފުރިހަމަ 8 މަސްވެސް ނުފުރެނީސް، ވިރާސީ ރަސްކަން ދެމެހެއްޓުމަށް ބޭނުންވެގެން ތިބި، ވެރިކަމުގެ ބޮޑުންގެ ތެރެއިން ބަޔަކު ރާވާ ހިންގި ކަމަށްބެލެވޭ ބަޣާވަތެއްގައި އަމީން ދީދީ ވެރިކަމުން ދުރުކުރެވުނެވެ. އަދި ލިބިފައިވާ އަނިޔާގެ ސަބަބުން 1954 ވަނަ އަހަރު ޖަނަވަރީ މަހުގެ 19 ވަނަދުވަހު އަމީން ދީދީގެ ފުރާނަ މަސްގަނޑާ ވަކި ވެގެން ވިޔައެވެ. 1954 ޖަނަވަރީ 31 ގައި ރައްޔިތުން ނަށް ބާރު ލިބިދޭގޮތަށް ހެދިފޯދެމުންއައި ޖުމްހޫރީ ވެރިކަމުގެ ނިޒާމު މުލުންލުހެލައި، 6 ވަނަ ޤާނޫނުއަސާސީ ވެސް އުވާލެވުނެވެ. އެއަށްފަހު 1954 ވަނަ އަހަރު މާރިޗް މަހުގެ 7 ވަނަ ދުވަހު ، އައްސުލްތާން މުޙައްމަދު ފަރީދުގެ ރަސްކަމުގައި، 7 ވަނަ ޤާނޫނުއަސާސީ ތަސްދީޤު ކޮށް، އަނެއްކާވެސް އަލުންބަލުން އިހުއޮތްޒާތުގެ ވިރާސީ ރަސްކަމަކަށް މިރާއްޖޭގެ ވެރިކަން ރުޖޫއަކުރިއެވެ. ޖުމްހޫރީ ވެރިކަމަކަށް ވުރެ ވިރާސީ ރަސްކަމެއްގެ ލާބަޔާ މަންފާ ރައްޔިތުންނަށް މާ ބޮޑުވާނެކަމުގެ ދަޅަ ދައްކައިގެން ރައްޔިތުންގެ ކިބައިގައިއޮތް ވެރިކަމުގެ ބާރުތައް، ވެރިކަން ހިންގާ ބޮޑުންގެ މުށުތެރެއަށް ފިރުކާލިތަން ފެނިގެން ދިޔައެވެ.
1964 ވަނަ އަހަރު ޖޫން މަހުގެ 14 ވަނަ ދުވަހު އަދި 1967 ވަނަ އަހަރު ޖޫން މަހުގެ 10 ވަނަ ދުވަހު 8 ވަނަ އަދި 9 ވަނަ ޤާނޫނުއަސާސީ ތަސްދީޤު ކުރެވި، އައްސުލްތާން މުޙައްމަދު ފަރީދުގެ ރަސްކަން 1968 ކާ ހަމައަށް މިރާއްޖޭގައި ދެމިގެން ދިޔައެވެ. އަދި 10 ވަނަ ފަހަރަށް ޤާނޫނުއަސާސީ އިސްލާހުކޮށް 1968 ނޮވެމްބަރު 11 ގައި ތަސްދީޤު ކުރެވި، އަލުން އަނބުރާ މިރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމުހޫރިއްޔަތަކަށް ބަދަލުކޮށް ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްއަކަށް އިބްރާހީމް ނާސިރު ހޮވިވަޑައިގަތެވެ. 1968 ގެ ޤާނޫނުއަސާސީ އަށް 3 ފަހަރެއްގެ މަތީން އިސްލާހު ގެނެވުނެވެ. އެއީ، 11، 12، އަދި 13 ވަނަ އިސްލާހެވެ: މި އިޞްލާޙްތައް ގެނެވުނީ، 1970 ވަނަ އަހަރު އެޕްރީލް މަހުގެ 23 ވަނަ ދުވަހު؛ 1972 ވަނަ އަހަރު ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ؛ އަދި 1975 ވަނަ އަހަރުގެ އެޕްރީލް 15 ދުވަހުއެވެ.
އަދި 1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މިރާއްޖޭގައި ދެމިގެން ދިޔަ މައުމޫނު އަބްދުލް ޤައްޔޫމުގެ 30 އަހަރުގެ ދިގު ޚުދްމުޚްތާރު ވެރިކަމުގައި 2 ފަހަރެއްގެމަތީން ޤާނޫނުއަސާސީ އިސްލާހު ކޮށް 14 އަދި 15 ވަނަ އިސްލާހު ގެނެވުނެވެ. 1980 ވަނަ އަހަރު ނޮވެމްބަރު 23 ވަނަ ދުވަހު އިސްލާހު ކުރަންފެށި ޤާނޫނުއަސާސީ އިސްލާހުކޮށްނިމި 1997 ވަނަ އަހަރު ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ތަސްދީގު ކުރެވި، 1998 ވަނަ އަހަރު ޖަނަވަރީ މަހުގެ 01 ވަނަ ދުވަހު ޢަމަލު ކުރާން ފެށުނެވެ. އެއަށް ފަހު އަނެއްކާވެސް ޤާނޫނުއަސާސީ އިސްލާހު ކުރެވި، 2008 ވަނަ އަހަރު އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ތަސްދީޤު ކުރެވުނެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް، ގިނަ ސިޔާސީ ޕާޓީތަކަށް ވާދަ ކުރެވޭނޭ ފުރުޞަތު ލިއްބައި ދިން ޤާނޫނުއަސާސީ މައުމޫނުވެސް ތަސްދީޤުކުރެއްވީ، ހިތުން ރުހުމަކުން ނޫނެވެ. އެތެރެއާއި ބޭރުގެ ފިއްތުމުގެ ސަބަބުން، ގޮތް ހުސްވެ، އަރާނެ އިތުރު ގޮޅި އެއްނެތި ބޮނދު ބުޑަށް ސައި ވުމުންނެވެ. 1932 ވަނަ އަހަރު ޝަމްސުއްދީނު ރަދުން ޤާނޫނުއަސާސީ އިސްލާހުކޮށް ތަސްދީޤު ކުރެއްވި ކުރެއްވުމުގެ ފައްކޮށްލުމެއް ފަދައިންނެވެ. ތާރީޚަކީ އަނބުރާ އިޔާދަވާ އެއްޗެކޭ ބުނާ ބީދައިންނެވެ.
2008 ވަނަ އަހަރު، އޯގަސްޓް މަހުގެ 7 ވަނަ ދުވަހު އިޞްލާޙުކުރެވުނު ޤާނޫނުއަސާސީގެ ދަށުން، 2008 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބު ގައި މައުމޫނަށް ނާކާމިޔާބުވެ ވެރިކަން ގެއްލުނީ މިރާއްޖޭގެ ދިގު ތާރީޚުގައި، ދިވެހިން މިހާތަނަށް ނިންމި އެންމެ ހިކްމަތްތެރި ބުއްދިވެރި ނިންމުމުގެ ސަބަބުންނެވެ. ޒަމާނުއްސުރެ ދިވެހިން ވެރިކަން ބަދަލުކޮށް ދަމަހައްޓާ ނިޒާމާ ދުރުވެ، އެގޮތް މިގޮތަށް ވެރިކަން ވައްޓާލާ ވެރިކަމަށް ގަދަވެގަނެ، ނުވަތަ ވޯޓުގައި މަކަރުހަދައިގެން ވެރިކަމުގައި ބަގުޑި ބައްދައިގެން ތިބޭ ސަޤާފަތަށް ނޫނެކޭބުނެ، ޤާނޫނުއަސާސީ ގައި ބަޔާން ކޮށްފައިވާ ރިޔާސީ ދައުރުގެ މުއްދަތަށް މިނިވަން، ސައްހަ، އިތުބާރު ކުރެވޭ ވޯޓުގެ ނިޒާމުގެ ޒަރިއްޔާއިން ވެރިޔަކު ހޮވާ، އެމީހާ ވީ ވައުތުދައް ފުއްދުމަށް ސަރުކާރެއް އެކުލަވާލައި ވެރިކަން ހިންގުމުގެ ފުރުސަތުދިނުމުގެ ސަޤާފަތަށް އާނބަސް ބުނެ އެގޮތުގައި ދެމިތިބުމަށް އަޒުމް ކަނޑައެޅިކަން އެދުވަހު ސާބިތު ކޮށްދިނެވެ. އެ އިންތިޚާބުގައި ވާދަކުރެއްވި ރިޔާސީ ކެނޑިޑޭޓުންގެ ތެރެއިން، މިޤައުމުގެ ލޮބުވެތި ރައްޔިތުން ނުހަނު ވިސްނުންތެރިކަމާއި، ހިކްމަތްތެރިކަމާއެކު، ކުރިއަށް އޮތް 5 އަހަރަށް (2008 ނޮވެމްބަރު 11 އިން ފެށިގެން 2013 ނޮވެމްބަރު 11 އަށް) ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ ބުރަ އަދި ބޮޑު ޒިންމާ ޙަވާލުކުމަށް ނިންމުމާއި ގުޅިގެން، ޤާނޫނުއަސާސީ ލާޒިމު ކުރާ ހުވާ ކުރެއްވުމަށް ފަހު، ޤާނޫނީ ހަމަތަކުގެ މަތީން 2008 ވަނަ އަހަރު ނޮވެމްބަރު މަހު 11 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ކަމާ ޙަވާލުވެވަޑައިގެން އެ މަޤާމުގެ ޒިންމާ އުފުއްލަވަން ފެއްޓެވިއެވެ. ރައްޔިތުންގެ އެދުމުގެ މަތީން، ދިވެހީން ނަށް "ތާހިރު ދިރިއުޅުމެއް" ފޯރުކޮށްދީ، ދަރިންނާ ދަރީންގެ ދަރީންނަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށް ޓަކައި، އެމްޑީޕީ އިއްތިހާދުގެ މެނިފެސްޓޯ ހިއްޕަވައިގެން، ރައްޔިތުންގެ ބާރުތައް ހަނިވެ ގެއްލިފައިވާ ވެރިކަމުގެ ބޯދާ ޘަޤާފަތަށް ފުރުޞަތު ނުލިބޭފަދަ "އަނެއް ދިވެހިރާއްޖެ" ދިވެހީން ނަށް ހޯދައި ދިނުމުގެ ބުރަ އަދި ދިގު ދަތުރު ރައީސް ނަޝީދު ފެއްޓެވިއެވެ.
މިހެންމިކަންކަން ހިނގާގޮސްފައިފާއިރު، 2008 ވަނައަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުމެ، ރައީސް ނަޝީދާ ވާދަކޮށް ރިޔާސީ ރޭހުން ބަލިވި އެތައް ކެނޑިޑޭޓުންނެއް ތިބީ، ރައީސް ނަޝީދާ އެމަނިކުފާނުގެ ދުރުވިސްނޭ، ހިކްމަތްތެރި، އަދި ސާބިތު ޓީމަށާ، ރައްޔިތުން ނަށް ހިތުގައި ނަފުރަތު ލައިގެންނެވެ. ރައްޔިތުންގެ ނިންމުން ހަޖަމުނުކުރެވުނުތާ، އަމިއްލަ އެދުމާ ވެރިކަމުގެ ދަހިވެތިކަން ކަށީގައި ހިފާފައިވާލެއް ބޮޑުކަމުން، ރައީސް ނަޝީދަށް ރައްޔިތުން މިޤައުމުގެ ރިޔާސަތު ޙަވާލުކުރަން ނިންމީއްސުރެ، ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިންޖަހައި، ރައްޔިތުންނަށް ކެހިދޭނޭ ހީލަތްތެރި މަކަރުވެރި ރޭވުންތައް ރާވައި، ރައްޔިތުންނަށް ހިތުން ނުފިލާވަރުގެ އަނިޔާދިނުމަށް ޢަޒުމު ކަނޑައަޅައި، ސަރުކާރު "ޖަވާބުދާރީ" ކުރުވުމުގެ "ލޭބަލް ތަތްކޮށްގެން" ރައްޔިތުންގެ އެތައް ބުރަ މަސައްކަތަކުން މިރާއްޖޭގައި ޤާއިމްކުރި ޑިމޮކްރަޓިކް ވެރިކަން ވައްޓާލައި، ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައި، މީގެ ކުރިންވެސް ދިވެހިރާއްޖޭގައި ހިންގި ކަހަލަ އަނިޔާވެރި ޚުދުމުޚުތާރު ވެރިކަމެއް ޤާއިމްކޮށް ރައްޔިތުން ތާއަބަދަށް އަޅުވެތިކުރުމަށް ނިޔަތްގަނެގެންކަމަށް ފެނެއެވެ.
މި ނާޒުކު ދަނޑިވަޅުގައި، ދިވެހި އެންމެހާ ފަރުދުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ރައްޔިތުންގެ ޢަދުއްވުން މިޤައުމުގައި ހިނގާ ކަންކަމަށް ފުންކޮށް ނަޒަރު ހިންގައި ކެތްތެރި ކަމާ ހިކްމަތް ތެރިކަމާ އެކީ ނިންމުންތަކެއް ނިންމައިގެން ނޫނީ އެމްޑީޕީން ވަކާލާތުކުރާ ޤާނޫނުގެ ހެޔޮވެރިކަމެއް މިޤައުމުގައި ދެމެހެއްޓޭނޭ ކަމަކަށް ނުފެނެއެވެ. އެހެނީ، ޤާނޫނު އަސާސީގައި ބަޔާން ކުރާ ރިޔާސީ ދައުރުގެ މުއްދަތު ކަމުގައިވާ 5 އަހަރުދުވަސް ހަމަވުމުގެ ކުރީން، ޤާނޫނޫނު އަސާސީގެ ބާރުކަނޑުވާލައި، ރައްޔިތުން 5 އަހަރުދަވަހަށް އިންތިޚާބުކުރި އުއްމީދީ އައުވެރިކަން ވައްޓާލައި ޚުދުމުޚްތާރު ވެރިކަން އަލުން އިއާދަ ކޮށް ރައްޔިތުން ތާއަބަދަށް ވެރިމީހާގެ މުށުތެރޭ ބަނދެފައި ބޭއްތިއްބޭފަދަ ވެރިކަމުގެ ނިޒާމެއް އިޢާދަކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ތަކެއް ކުރާކަން ފާހަގަކުރެވެއެވެ. މިގޮތުން، އެންމެ ޤާބިލް، ފަސްބައި ރީތި ކަމަށް ދައުވާކުރި ފަރާތުގެ މައިގަނޑު މަޤްޞަދަކަށް ވެފައި އޮތްކަމަށް ފެންނަނީ ޤާނޫނުއަސާސީގައި ބުނާއެއްޗަކަށް ބަލާލުމެއްނެތި ދައުރުގެ މެދުތެރޭން ޤާނޫނީ ވެރިކަން ވައްޓާލާ އަވަހަށް ވެރިކަމަށް ސަވާރުވެވޭނޭ ޙީލަތްތެރި ރޭވުމެއް ކާމިޔާބު ކުރުން ކަމުގައި ދޭހަވެއެވެ. އަދި ހަމަ އެހެންމެ ވޭތުވެ ދިޔަ ދިގު 30 އަހަރުގެ އަނިޔާވެރި ،ޚުދްމްޚްތާރު ވެރިކަމެއް މިރާއްޖޭގައި ހިންގެވި މައުމޫނުގެ ދިވެހި ރައްޔިތުންގެ ޕާޓީއާއި އެބައިމީހުންގެ އައުވާނުން ގެ މަސައްކަތަކަކީ 2013 އިންތިޚާބަށް ތައްޔާރުވުމުގެ ބަދަލުގައި ގޮތެއް ފޮތެއް، ލަދެއް ޙަޔާތެއްނެތި، ވަކަރުގޭ ކުދިން އުޅޭބީދައިން، މަގުމައްޗައް ނިކުމެ، ޤާނޫނީ ވެރިކަން ވެއްޓުނުގޮތަކަށް ވައްޓާލުން ކަމުގައި ފެނެއެވެ. މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި ތައުލީމީ ޖީލެއް ބިނާކުރުމުގެ ބަދަލުގައި، ބާރުގަދަ މަސްތުވާ ތަކެތި ޢާންމުކޮށް ވަކަރުގޭ ކުދިންތަކެއް ތައްޔާރުކުރީ މި ބޭނުނުމުގައި ކަމަށް ޤަބޫލު ކުރަން މިހާރު މަޖުބޫރެވެ.
ރައްޔިތުންގެ އާރާއި ބާރުނެތްގޮތަށް، ރައްޔިތުން ބާރުވެރިކުރުވުމާއި ދުރުގައި، އަދި ޑިމޮކްރަސީއާއި ބީރައްޓެހި ގޮތަކަށް ނިމިގެންގޮސްފައިވާ 30 އަހަރުގެ ވެރިކަމާއި، މިކަމުގައި ރައްޔިތުންނަށް ކުރިމަތިކުރުވި ދުއްތުރާ އަދި ދިންއަނިޔާތައް ދެނެގަނެ، މިހާރު މިބައިމީހުންގެ ޢަމަލުތައް ހުރިނެތްގޮތް ދެނެގަނެ، ކުރިމަގުގައި އެބައިމީހުންގެ ޢަމަލުތައް ބަހައްޓަފާނެ ގޮތްތައް ވީ އެންމެ ސާފުކޮށް ދެނެގަތުމަކީ، މިޤައުމުގެ މުސްތަޤުބަލާމެދު ފުންކޮށް ވިސްނައި ޤައުމަށް ލާބައާއި މަންފާ އެދޭ ކޮންމެ ދިވެހި މުވާޠިނަކުމެ ކުރުން ލާޒިމުކަމެއް ކަމުގައިދެކެމެވެ.
އަޅުގަނޑުގެ ނަޒަރުގައި، ރައްޔިތުން ބާރުވެރިކުރުވާ، ރައްޔިތުންގެ ޙައްޤުތައް ހޯދައިދީ އަދި ރައްޔިތުން ޙިމާޔަތްކޮށްދިނުމަށް ވަނީ ތަފާތު މުއައްސަސާތަކާއި އިދާރާތައް އުފެދިފައެވެ. ނަމަވެސް ހިތާމައަކީ، ޤާނޫނީ "އިމުގެ ތެރޭގައި" މިފަދަތަންތަނަށް ދެވިފައިވާ ބާރުތައް ބޭނުންކުރެވެމުންދާތަން ފެންނަލެއް މަދުކަމުންނެވެ. ރައްޔިތުންގެ މަސްލަހަތައްވުރެ އިސްކަންދޭތަން ފެންނަނީ ސިޔާސީ ވާދަވެރިކަމާއި، ފިތުނަފަސާދަ އުފެއްދުމާއި ޤަވްމު ބައިބައި ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ސީދާކޮންނާއި އަދި ނުސީދާކޮށް ބައިވެރިވަމުންދާތަނެވެ. ބައެއް މުއައްސަސާތަކުގައި ތިއްބަވާ ބައެއް ބޭބޭފުޅުންގެ ފިކުރު ރައްޔިތުންނާ ދިމާއިދި ކޮޅަށް ނެތް ކަމުގައިވިޔަސް، އެއިން ކިތަންމެ ފަރާތަކުންމެ ކުރަމުންގެންދާ މަސައްކަތުގެ އެތައްފަހަރެއްގެ އާޚިރު ނަތީޖާ އަކީ ރައްޔިތުންނަށް ލާބައާ މަންފާ ލިއްބައިދޭ، ހެޔޮވެރިކަމުގެ ސަޤާފަތް މިޤައުމުގައި ޤާއިމް ކުރަން މަސައްކަތްކުރާ އެމްޑީޕީ އިއްތިހާދުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކަށް ހުރަސްއެޅުމެވެ. ނަތީޖާއަކީ ރައްޔިތުންނަށާއި ޤައުމަށް ނިކަމެތިކަމާ ކުރިމަތިލާންޖެހުމެވެ. ޤައުމުގެ މުސްތަޤްބަލާއި، އަންނާން އޮތް ޖީލުތަކުގެ މުސްތަޤްބަލްވެސް އަޑިނޭނގޭ ފުން ވަޅުގަނޑަކަށް ވެއްޓުމެވެ.
މަކަރުވެރި ޙީލަތްތެރީންގެ މަޅިން ސަލާމަތްވެ ތިބުމަށް ޓަކައި، ތާރީޚުގެ ހިތި ހާދިސާ ތަކުން ޢިބުރަތް ޙާސިލްކުރަން ޖެހެވެ. އެހެނީ އިހުނެކޭ އެއްފަދައިން އެފަދަ އަމިއްލަ އެދުމުން ފުރިފައިވާ "މަކަރުވެރި" "ޙީލަތްތެރި ޚާއިނުން" "އިޚްލާސްތެރި" "ޤާބިލު" އަދި "ތަޖްރިބާ" ހުރި މީހުންގެ ލޭބަލް ޖަހައިގެން އަމިއްލަ އަންބޮނޑި ބޮޑު ކުރަން މެދުކެނޑުމެއްނެތި ތާއަބަދު މަސައްކަތް ކުރަމުން ދާނެތީއެވެ. އަޅުގަނޑުމެން ފިސާރި ސަމާލުވެގެން ނެތިއްޔާ އެފަދަ މަކަރުވެރި ޙީލަތްތެރީންގެ މަޅީގައި ޖެހި، ހީ ނުކުރާފަދަ ފުން އަނދަވަޅަކަށް ޤައުމު ވެއްޓި އެކަމުގެ ހިތީން އަރައި ނުގަނެވި އަޅުގަނޑުމެންގެ ދަރިންނާ ދަރީންގެ ދަރިން އެތައް ޒަމާން ތަކެއް ވަންދޭން އުޅެން ޖުހުން އެއީ ނުވުމަށް ތުރެ ވުން ކައިރި ވެދާނެ ކަމެކެއެވެ.
ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތްކުރާ ޤާނޫނީ ސަރުކާރު، ޤާނޫނުއަސާސީގައި ވެރިކަން ބަދަލުކުރާން ކަޑައަޅައިފައިވާ އުޞޫލު ނޫން ގޮތްގޮތް ބޭނުންކޮށްގެން ޙީލަތްތެރިކަމާއެކީ އެއްލާލައި، ޤާނޫނުއަސާސީގެ ބާރުކަނޑުވާލައި، ދުސްތޫރީ ޙަޔާތް މަރާލައި، ރައްޔިތުންގެ ޙައްޤުތައް ހަނދާން ނައްތާލައިފައި، ދެއިރުދެދަޅަޔަށް ވެރިކަން ބަދަލުކުރަން އުޅުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވައި، ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރުންތޯއެވެ؟ ނުވަތަ އެއީ ޤައުމަށާ ރައްޔިތުންނަށް ޚިޔާނާތްތެރިވެ ޣައްދާރު ވުންނޫން ތޯއެވެ؟
އިތުރު މަޢުލޫމާތު:
Daily News (Oct 30, 2008) online: Gayoom: At the Helm of 30 years, retrieved on Jan 31, 2010 from http://www.dailynews.lk/2008/10/30/fea02.asp
Manik, A.H.H. (1997), Ameen’s Republic, Chapter 2‘Iyye’ (Yesterday)(Translated by Abdulla, F. in 2005) cited in Maldives Culture online, Hakeem – Yesterday – Chapter 2, retrieved on Jan 31, 2010 from http://www.maldivesculture.com/index.php?option=com_content&task=view&id=31&Itemid=58
Permanent Mission of the Republic of Maldives to the United Nations (2010)online: Constitutional history, retrieved on Jan 27, 2010 from http://www.un.int/maldives/histcon.htm
Wikipedia (2010)online: Constitution of the Maldives, retrieved on Jan 26, 2010 from http://en.wikipedia.org/wiki/Maldives_Constitution
Wikipedia (2010)online: Mohamed Amin Didi, retrieved on Jan 31, 2010 from http://en.wikipedia.org/wiki/Mohamed_Amin_Didi