ލިޔުނީ: އަސްލަމް ޝާކިރު، 29 މެއި 2010
http://www.aslamshakir.com, http://aslamshakir.blogspot.com, aslam.shakir@gmail.com
އަޅުގަނޑުގެ ބްލޮގް/ވެބް ސައިޓްގައި އިތުރު ލިއުމެއެއް ޝާއިޢް ނުކުރެވި ދުވަސްތަކެއް ވެފައިވާތީ، ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެމެވެ. 18 އޭޕްރީލް 2010 ކުން ފެށިގެން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީގެ ހައިސިއްޔަތުން، މި ވަގުތު ސަރުކާރުން އަޅުގަނޑާއި ޙަވާލު ކުރައްވާފައިވާ މަސައްކަތްކަމަށް ވާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގ (ޑީއެންޕީ)، (ކުރީގެ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް) އާއި އެ ޑިޕާޓުމަންޓުގެ ދަށުގައިވާ އެންމެހާ އިދާރާތައް ޒިންމާދާރު ގޮތެއްގައި ހަލުވި ކަމާއި އެކު، ރައްޔިރުންނާއި ވީހާވެސް ކައިރިން ހިންގޭނެ ނިޒާމެއް ޤާއިމުކޮށް ތަންފީޒު ކުރުމަށް އަޅުގަނޑު މިގެންދަނީ މަސައްކަތް ކުރަމުންނެވެ. ޑީއެންޕީގެ މެންޑޭޓުގައި މިވަގުތު ހިމެނޭ މަސައްކަތްތައް މައިގަނޑު 3 ބަޔަކަށް ބަހައި ލެވިދާނެއެވެ. އެއީ:
1. ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭންތައް ބެލެހެއްޓުމާ ބެހޭ މަސައްކަތްތައް؛
2. ދިވެހިރާއްޖޭގެ ތަފާސް ހިސާބު ބެލެހެއްޓުމުގެ މަސައްކަތް؛
3. ރައްޔިތުންގެ ފާގަތިކަމާއި ކުރިއެރުމަށް، ސަރުކާރުން ހިންގާ ނުވަތަ ސަރުކާރަށް އެއްވެސް ގޮތަކުން ސީދާ އާމްދަނީއެއް ނުވަތަ މަންފާއެއް ލިބޭ ގޮތަށް އެކި އެކި ފަރާތްތަކުން ހިންގާ މަޝްރޫޢު ތައް ހިނގާ ނުހިނގާ ގޮތްބަލައި، އެ މަޝްރޫޢުތައް ހަރުދަނާ ކުރުމާއި ތަންފީޒުކުރުން އަވަސް ކުރުމަށް ކުރަންޖެހޭ މަސައްކަތް.
މިވަގުތު ސަރުކާރުން އަޅުގަނޑާ ހަވާލު ކުރައްވަފައިވާ މަސައްކަތްތައް މިނސްޓްރީ އެފް ފިނޭންސް އެންޑް ޓްރެޜަރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ދަށުގައި ތަފްސީލު ކުރެވިފައި ވެއެވެ. އަދި ސަރުކާރުގެ އެންމެހާ އިދާރާތަކާ ޙަވާލު ކުރެވިފައިވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ވަނީ ޝާއިޢު ކުރަށްވާފައެވެ.
މީގެ އިތުރުން، ނިއުޒީލެންޑްގެ އޮޓާގޯ ޔުނިވަރސިޓީގެ ޖިއޯގްރަފީ ޑިޕާރޓްމަންޓުގައި އަޅުގަޑު ކުރިއަށްގެންގޮސް ފުރިހަމަކުރި ޕޯސްޓްގްރެޖުއޭޓް ދިރާސާ (ރިސަރޗް) ކަމުގައިވާ " ޕޯސްޓް-ޑިޒާސްޓަރ ސްޓްރެޓީޖިކް އެންވަޔަރަންމަންޓް އެސެސްމަންޓް (އެސްއީއޭ): ބެނެފިޓްސް، ކޮންސްޓްރެއިންޓްސް އެންޑް އޮޕޯޗުނިޓީޒް"، ޖަރުމަނުގެ ޕަބްލިޝަރ އެއް ކަމުގައިވާ ލެމްބަރޓް އެކެޑަމިކް ޕަބްލިޝިންގ (ލެޕް)، ބަލައިގަނެ، ފޮތެއްގެ ސިފައިގައި ޝާއިޢު ކުރުމަށް ޝައުގުވެރިކަން ފައުޅުކުރުމާއި ގުޅިގެން، އެފަރާތާއި އެކު މަސައްކަތްކޮށް އެ ދިރާސާ، މިހާރު ވަނީ ޓެކްސްޓް (ކިޔަވައިދޭން ބޭނުންކުރާ) ފޮތެއްގެ ގޮތުގައި ޝާއިއު ކޮށް ނިމިފައެވެ.
ދުނިޔޭގެ ފޮތް ވިއްކާ ބޮޑެތި ފިހާރަތަކުންނާއި އޮންލައިން ސްޓޯރު ތަކުން އިންޓަރނެޓު މެދުވެރިކޮށްވެސް މިހާރު އެފޮތް ގަންނަން ލިބޭނެ އިންތިޒާމު ވަނީ ހަމަ ޖެހި ފައެވެ. އެގޮތުން ބަލާއިރު ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ސްޓޯރު ކަމުގައިވާ އެމޭޒޮން ޑޮޓް ކޮމް އާއި، ބުކްސް އޮން ޑިމާންޑް (ބީއޯޑީ) ޑޮޓް ކޮމް އަދި، ގެޓް ޓެކްޓް ބުކްސް ޑޮޓް ކޮމް އިން އެފޮތް ވިއްކަމުން އެބަ ގެންދެއެވެ. މިފޮތުގެ އަގަކީ ގާތްގަނޑަކަށް 98 ޔޫއެސް ޑޮލަރު ނުވަތަ 79 ޔޫރޯ އެވެ. އަދި މީގެ އިތުރުން ޕޯސްޓޭޖް ނުވަތަ ޝިޕިންގ ޗާޖާ އެކީ އެވްރެޖް ކޮށް 110 ކާއި 135 ޔޫއެސް ޑޮލަރާ ދެމެދުގެ އަގެއް މިފޮތަށް ޖެހޭނެ ކަމަށް ލަފާކުރެވެވެއެވެ.
އިރާދަ ކުރެއްވިއްޔާ މިފޮތުގައި ހިމެނޭ މައުލޫމާތު ކިޔުންތެރިންނާއި އަވަސް ފުރުސަތެއްގައި ޙިއްސާ ކުރާނެ ވަހަކަ މިފުރުސަތުގައި ދަންނަވަމެވެ. އަޅުގަނޑުގެ އުއްމީދަކީ ވީހާވެސް ގިނައިން އަޅުގަނޑުގެ ބްލޮގް/ވެބް ސައިޓް މެދުވެރިކޮށް ކިޔުންތެރިންނާއި އެކު މަޢުލޫމާތު ޙިއްސާކޮށް، ޤައުމަށް ޚިދުމަތް ކުރަން އަޅުގަނޑަށް ލިބޭ ކޮންމެ ފުރުސަތެއްގައި، ކިޔުންތެރިން އަޅުގަނޑަށް ދެއްވާ ހެޔޮ ލަފަޔާއި އިރުޝާދުގެ ބޭނުން ވީއެންމެ ފުޅާމިނެއްގައި ހިފައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް އަޅުގަނޑުގެ މަސައްކަތްތައް ބައްޓަން ކުރުމަށް މަގުފަހިކުރުމެވެ.
އަޅުގަނޑު ލިޔެ، މިހާރު ޝާއިއު ކޮށްފައިވާ ފޮތާބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަށް، ތިރީގައި މިވާ ވެބް ލިންކް (ވެބް ސައިޓް) ތަކުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
Aslam Shakir - POST-DISASTER STRATEGIC ENVIRONMENTAL ASSESSMENT (SEA) : Author Portrait BoD - Books.